ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ބަދަލުގައި، ގަތަރުން ދޭ ކޮންމެ ބަދަލު ހިިފުމުގެ ހަމަލާއަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ސައުދީއިން ބުނެފިއެވެ.
އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދު އިރުމަތީގެ ގައުމުތަކަށް އިރާނުންވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މިގޮތުން، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް 14 މިސައިލްވަނީ ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ މިސައިލް ވައްޓާލާފައިވާއިރު، 3 މަސައިލް އަސްކަރި މަރުކަޒަށް އަމާޒުވެފައިވާކަަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އީރާނުގެ ހަމަލާއަކީ ބަލިކަށި އަދި ބަދަލު ހިފާނެކަމަށް އެމެރިކާއިން ޔަގިންކޮށްގެން ތިބި ހަމަލާތަކެއްކަމަށާއި މި ހަމަލާތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށެވެ.
މިހަނގުރާމަ އިތުރަށް ގޯސްވަމުން ދާނަމަ އެންމެ ބޮޑަށް އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އަސަރުކުރާނެ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ.