އިމިގްރޭޝަނުން 60 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފި

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

މަގުތަކަށް ނުކުމެ އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިއްޔެ 60 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފި އެވެ.

އިމިގްރޭޝަނުން ޝޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން އިއްޔެ މޮނިޓަރިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހަރަކާތުގެ ތެރެއިން، އެކި ސަރަހައްދުތަކުން 60 ބިދޭސީއަކާ ސުވާލު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާ އިން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ ޕެޓްރޯލްތަކަކީ، އިމިގްރޭޝަން ގަވާއިދުތައް ތަންފީޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް އެ މީހުން ހުއްޓުވައި ސުވާލުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށައިފަ އެވެ.

ފުލުހުން އޭރު ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަ ކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލުކުރާށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.