އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް ހުޅުމާލޭގައި އުޅެމުންދިޔަ 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އާއިޝަތު ހަނާ ތައުފީގް
 
11 ދުވަސް ކުރިން

ދިވެހިރާއްޖޭގައި އުސޫލުތަކާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، އިތުރު 10 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ރެއިޑް އޮޕަރޭޝަން އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. މި ހަރަކާތުގައި ޖުމްލަ 95 ބިދޭސީއަކު ޗެކްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ އެއްގޮތަށް ނޫޅޭ 10 މީހަކު ވަނީ އިދާރީ ބެލުމުގެ ދަށަށް ގެނެވިފައެވެ.


ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސިލްސިލާކޮށް ހިންގާ މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތުލައިގަނެވިފައެވެ. މިގޮތުން މިހާތަނަށް 11،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. 

މި މަސައްކަތުގެ ތެރެއިން ސިއްރުން ހިންގަމުންދިޔަ ބިދޭސީންގެ ނެޓްވޯކްތަކާއި، އުސޫލުތަކާ ޚިލާފަށް ހިންގި ގިނަ ވިޔަފާރިތަކެއް ވެސް ވަނީ ހުއްޓުވާފައެވެ.


ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ވަރުގަދަ ކުރަމުންނެވެ. މި ޓާސްކްފޯސްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެންކަން ފާހަގަކުރެވެއެވެ.