ސީޑެންސް 2.0 --

ޗައިނާގެ މި އާ އޭއައި މޮޑެލް ހޮލީވުޑް ބިރުގަންނުވާލައިފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ޓޮމް ކްރޫޒް އާއި ބްރެޑް ޕިޓް އިމާރާތެއްގެ ފުރާޅުމަތީގައި ކުރިމަތިލުމެއް؛ ޑޮނަލްޑް ޓްރަމްޕް ބަންބޫ ގަސްތަކުގެ ތެރޭގައި ކުންގްފޫ ހަނގުރާމަވެރިންނާ ކުރިމަތިލާ މަންޒަރު؛ އަދި ކާންޔޭ ވެސްޓް ޗައިނާގެ ގަނޑުވަރެއްގެ ތެރޭގައި މެންޑަރިން ބަހުން ލަވަކިޔަމުން ނަށާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.

ނަމަވެސް، މި ވީޑިއޯތައް އާންމުވިތާ މާގިނަ ދުވަހެއް ނުވެ، މީޑިއާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޕެރަމައުންޓް އަދި ޑިޒްނީން ވަނީ ޓިކްޓޮކް އުފެއްދި ބައިޓްޑާންސް (ByteDance) ކުންފުންޏަށް، އެ ފަރާތްތަކުގެ ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް އަންގައި ގާނޫނީ އިންޒާރު ފޮނުވާފައެވެ. 

ހޮލީވުޑްގެ މޯޝަން ޕިކްޗަރ އެސޯސިއޭޝަނާއި، ފަންނާނުންގެ ޔޫނިއަން ކަމަށްވާ SAG-AFTRA އިން ވެސް ވަނީ، އެމެރިކާގެ ކޮޕީރައިޓް ގާނޫނުން ހިމާޔަތްކޮށްފައިވާ އުފެއްދުންތައް ހުއްދަނެތި ބޭނުންކުރާތީ އެ ކުންފުނި ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން ބައިޓްޑާންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިކުރީ މުދާ ހިމާޔަތްކުރުމަށްޓަކައި އެ ކުންފުނިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

"ސީޑާންސް 2.0" (Seedance 2.0) އަކީ، އާޓިފިޝަލް އިންޓެލިޖެންސް (AI) ސިނާއަތުގައި ކުރިއަރައިދިއުމަށް ކުރާ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން މިއަހަރު ނެރުނު އޭއައި މޮޑެލްތަކުގެ ތެރެއިން އެންމެ ބޮޑު ބަހުސެއް އުފެދިފައިވާ ވަސީލަތެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި، މަޝްހޫރު ފަންނާނުންނާއި ތަފާތު ޝަހުސިއްޔަތުތައް އާދަޔާ ހިލާފު ކަންތައްތަކެއް ކުރަނިކޮށް ފެންނަ، ސިނަމާ ފެންވަރުގެ ގިނަ ވީޑިއޯތަކެއް އިންޓަނެޓުގައި ވަނީ ވައިރަލްވެފައެވެ. މި ހުރިހާ ވީޑިއޯއެއްގައި ވެސް ފާހަގަކުރެވުނު އެއްގޮތްކަމަކީ، އެއީ ބައިޓްޑާންސްގެ އާ އޭއައި ވަސީލަތެއް ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯތަކަކަށް ވުމެވެ. މީގެ ސަބަބުން، އޭއައިގެ ގާބިލުކަން ހަލުވިކަމާއެކު ކުރިއަރަމުންދާ ދިއުމާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

"ސީޑާންސް 2.0" ނަމަކަށް ކިޔާ މި އާ މޮޑެލްއަކީ މިހާރު ހުރި މިފަދަ ވަސީލަތްތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް މޮޑެލްއެވެ. މިއީ ބޭނުންކުރަން ފަސޭހަ އަދި ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހަގީގީ މަންޒަރުތަކާ އެއްފަދަ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތެއް ކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފު ވެސް ވަނީ ލިބިފައެވެ.