އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް

އީރާނަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިން!

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

އީރާނަށް ދީފާނެ ކޮންމެ ހަމަލާއެއްގައި އެމެރިކާގެ އަސްކަރިއްޔާއިން އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ ދެކޮޅު ހައްދަވައިފިއެވެ. އިނގިރޭސި މީޑިއާތަކުން ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޓާމާ މި ހުއްދަ ނުދެއްވީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަކަށް ވެދާނެތީއެވެ.

ލަންޑަންގެ 'ދަ ޓައިމްސް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޓާމާ ވަނީ އިނގިރޭސިވިލާތުގެ ފެއަރފޯޑް އެއާބޭސް އާއި އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ދިއޭގޯ ގާސިއާ މަރުކަޒު އީރާނަށް ހަމަލާދިނުމަށް ބޭނުންކުރުން މަނާކުރައްވާފައެވެ. މި ދެ މަރުކަޒަކީ ޒަމާނުއްސުރެ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި، ހާއްސަކޮށް ބަރު ހަތިޔާރު އުފުލާ ބޯޓުފަހަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ.

އިނގިރޭސި ސަރުކާރުގެ ކަންބޮޑުވުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަމަލާދޭ ގައުމާއި އެކަމަށް އެހީތެރިވާ ގައުމާ ދެމެދު ތަފާތެއް ނޯންނާތީއެވެ. "ބައިނަލްއަގުވާމީ ގޮތުން ގޯސް އަމަލެއް ހިންގާކަން އެނގި ތިބެ އެކަމަށް އެހީތެރިވުމަކީ ގާނޫނާ ހިލާފުވުން ކަމަށް ބެލެވޭނެ،" ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އިނގިރޭސި ވެޓެރަންސް މިނިސްޓަރު އަލް ކާންސް ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުން އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެނީ އެކަމުގެ ގާނޫނީ އަދި ސިޔާސީ އަސާސްތަކަށް ބަލާފައެވެ.

މި މައްސަލައިގެ ތެރެއިން، ރައީސް ޓްރަމްޕް ވަނީ ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ކުރިން ދެއްވި ތާއީދު އަނބުރާ ގެންދަވާފައެވެ. ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ގައި ވިދާޅުވީ ސްޓާމާ ހައްދަވަނީ ބޮޑު ގޯހެއް ކަމަށެވެ. ޗާގޯސްގެ މައްސަލައަކީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވެސް އިނގިރޭސިވިލާތާ ދެކޮޅަށް ނިންމާފައިވާ މައްސަލައެކެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ބާރު މޮރިޝަސްއަށް ދިން ނަމަވެސް، ދިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާއިން ބާރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، މި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުލިބުމަކީ ދެ ގައުމުގެ ގުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.