ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ އަސްކަރިއްޔާ ހަރަކާތްތެރިވަނީ

އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށްދަނިކޮށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

ޖެނީވާގައި އެމެރިކާއާއެކު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ނުސީދާ މަޝްވަރާތަކެއް ކުރިއަށްދަނިކޮށް، އީރާނުން ހޮރްމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައި އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ. މިއީ އެމެރިކާއިން އެ ސަރަހައްދުގައި އަސްކަރީ ބާރުގަދަކޮށް އިންޒާރުތައް ދޭން ފެށިފަހުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި ބަންދުކުރި ފުރަތަމަ ފަހަރެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކުގައި ހޮރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް ވަޒަން ބޭނުންކޮށްގެން މިސައިލް ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑާ ގާތް ގުޅުމެއް އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ، އެގައުމުގެ އައްސޭރިފަށުންނާއި އެތެރެއިން ފޮނުވާލި މިސައިލްތައް ކަނޑުއޮޅީގައި ހުރި އަމާޒުތަކަށް ކާމިޔާބުކަމާއެކު އަރާފައިވާ ކަމަށެވެ.

މި އަސްކަރީ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތަކީ ޖެނީވާގައި އީރާނުގެ މަންދޫބުންނާއި އެމެރިކާގެ މަންދޫބުންނާ ދެމެދު ނިއުކްލިއާ މައްސަލައިގައި ނުސީދާކޮށް ވާހަކަދައްކަމުން ދިޔަ ވަގުތެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށާއި، އެގައުމުގެ ދާޚިލީ ކަންކަމާ ބެހޭގޮތުން ވާހަކަދެކެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މެދުއިރުމަތީގައި މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާއިން ވަނީ ދެ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕް އެ ސަރަހައްދަށް ފޮނުވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުވުމަށް އަސްކަރީ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. މީގެ ރައްދުގައި އީރާނުންވެސް ބުނެފައިވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަސަރުކޮށްފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި، ހާއްސަކޮށް ހަކަތައިގެ މުއާމަލާތްތަކުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، މި ސަރަހައްދުގައި ހިނގާ ކޮންމެ އަސްކަރީ ކުރިމަތިލުމަކީ މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.