މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ވައިގެ ސިފައިންގެ ޚާއްސަ އަސްކަރީ މަތިންދާބޯޓުތަކެއް މެދުއިރުމައްޗަށް ފޮނުވަން ފަށައިފިއެވެ. އިނގިރޭސިވިލާތުން ފުރައިގެން މި ބޯޓުތައް މިސްރާބު ޖަހާފައިވަނީ ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށެވެ.
މި ދަތުރުގައި ބޭނުންކުރަނީ އެމެރިކާގެ ވައިގެ ސިފައިންގެ E-3 Sentry AWACS މަރުކާގެ ޖެޓްތަކެވެ. މިއީ މައިގަނޑު ގޮތެއްގައި ވައިގެ ސަރަހައްދު ބެލެހެއްޓުމަށާއި، ދުރު ރޭންޖުތަކުން އަންނަ ހަމަލާތައް ދެނެގަތުމުގެ އިތުރުން މުވާސަލާތީ ކަންކަން ވިލަރެސްކުރުމަށް ބޭނުންކުރާ ވަރުގަދަ އުޅަނދުތަކެކެވެ.
މި ޖެޓްތައް ސައުދީ އަރަބިއްޔާއަށް ފޮނުވުމަކީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. ޚާއްސަކޮށް، މެދުއިރުމަތީގައި ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިއީ އެމެރިކާގެ އަސްކަރީ ބާރު އެ ސަރަހައްދުގައި ވަރުގަދަކުރުމުގެ ބައެކެވެ.
ޕްރިންސް ސުލްތާން އެއާ ބޭސްއަކީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް މެދުއިރުމަތީގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ. މި ބޯޓުތައް އެ ސަރަހައްދުގައި ގާއިމުވުމުން، މުޅި މެދުއިރުމަތީގެ ވައިގެ ސަރަހައްދު މޮނިޓަރުކުރުމުގެ ގާބިލުކަން އެމެރިކާއަށް އިތުރަށް ލިބިގެންދާނެއެވެ.
މި ހަރަކާތްތަކާ ގުޅިގެން ސަރަހައްދީ ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުމާއެކު މަސްރަހު ބަލަމުންނެވެ. އެމެރިކާގެ މި ފިޔަވަޅަކީ ހަމައެކަނި ދިފާއީ ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، މިއީ ހަނގުރާމައެއްގެ މަލަމަތި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.