ބްރިޓަންގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ، ވިޔަފާރީގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުރަނގަޅު އަމަލުތަކަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޔޫކޭގެ ގާނޫނުތައް ބައްޓަންވެފައިވާ ގޮތުން، ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ސީދާ އެންޑްރޫގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ ހައްޔަރުކުރިތޯ ސުވާލުކުރުމުން، ފުލުހުން ވަނީ އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ނެރުނު ބަޔާނަށް އިޝާރާތްކޮށްފައެވެ.
ތޭމްސް ވެލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިންގަމުންދާ ތަހުގީގެއްގެ ދަށުން، ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ނުރަނގަޅު އަމަލުތަކެއްގެ ތުހުމަތުގައި، ނޯފޯކަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހަކު މިއަދު (19 ފެބްރުއަރީގައި) ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ފުރިހަމަ އެސެސްމެންޓަކަށްފަހު، ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގެ ރަސްމީ ތަހުގީގު މިހާރު ވަނީ ފަށާފައި،" ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މި ތަހުގީގުގެ މިނިވަންކަމާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހައްޔަރާ ގުޅިގެން އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދުގެ އެޑްރެހަކާއި، ލަންޑަންގެ ހުޅަނގު ސަރަހައްދުގެ އެޑްރެހެއް ހިމެނޭހެން ދެ ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.