ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރު، ޚައިރުއްރަހްމާން --

ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެ ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވައިފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރު ޚައިރުއްރަހްމާނަށް ތަހުނިޔާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރުމަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވައިފިއެވެ.

ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރަށް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން އޮންނަ އެއްބާރުލުމަށް ދިވެހި ސަރުކާރުން ނުހަނު އިސްކަންދޭކަން މިނިސްޓަރު ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ މެސެޖުގައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، މި މުހިންމު ބައިވެރިވުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދެފަރާތަށްވެސް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ އިޚުލާޞްތެރިކަމާއެކު ދައުވަތު އަރުވާފައެވެ.

މީގެއިތުރުން، ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރާ ބައްދަލުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތަށް އިންތިޒާރު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައާއި، ސަރަޙައްދީ ފެންވަރުގައާއި، ބައިނަލްއަޤުވާމީ މައިދާނުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާތުން މަސައްކަތްކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިނިސްޓަރު ޚަލީލްގެ މެސެޖު ނިންމަވާލައްވާފައިވަނީ ބަންގްލަދޭޝްގެ އާ ވަޒީރަށް އިޙުތިރާމް އަދާކުރައްވަމުން، އެ ޤައުމުގެ ރައްޔިތުންނަށް ދެމިގެންދަނިވި ކުރިއެރުމާއި ފާގަތިކަމަށް އެދި ހެޔޮދުޢާ ފޮނުއްވަމުންނެވެ. 

ބަންގްލަދޭޝްއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ، އަދި ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ.