ފުލުސް އޮފީސް

މި ރޯދަމަހުގެ ފުރަތަމަ ދުވަހު ވެސް، ދުވާލު މަގުމަތީގައި ކެއި ދެ ދިވެހިން ހައްޔަރުކޮށްފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ރަމަޟާން މަހުގެ ދުވާލު ވަގުތު އާންމު ތަނެއްގައި ކެއި މައްސަލައެއްގައި ދިވެހި ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މީގެ ތެރެއިން 25 އަހަރުގެ މީހާ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމް ކައިފައިވާތީއެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިންވެސް ބަންދު ރެކޯޑް އޮންނަ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ދެވަނަ މީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާއަކީވެސް މީގެ ކުރިން ބަންދު ރެކޯޑް އޮތް މީހެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ ދަށުން، ޝަރުޢީ އުޒުރެއް ނެތި ރަމަޟާން މަހުގެ ދުވާލު ވަގުތު އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ކުށެކެވެ. އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބު މީހަކު، ރަމަޟާން މަހު ދުވާލު އާންމު ތަނެއްގައި ކެއުން، ބުއިން ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.

މި ކުށަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. މިފަދަ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، ކުށުގެ ބާވަތަށާއި ހާލަތަށް ބަލައި، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ކުރުން ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުވުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކަކީ އިސްލާމްދީނުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެއެވެ.