39 ބޭފުޅަކު ވަކީލުކަމުގެ ހުވާކޮށްފި؛ ބާ ކައުންސިލްގެ މެންބަރުންގެ އަދަދު 1,952 އަށް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަލަށް 39 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށް، ވަކީލުކަމުގެ ހުއްދަ ހޯދައިފިއެވެ. މި ބޭފުޅުން ހުވާކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ އެ ހުރިހާ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ބާ ކައުންސިލުން ހާމަކުރި ގޮތުގައި، މިއަދު އަލަށް ގުޅުނު 39 ވަކީލުންނާއެކު އެ ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ގާނޫނީ ވަކީލުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,952 އަށް އަރާފައެވެ. މިއީ ރާއްޖޭގެ ގާނޫނީ ދާއިރާ ކުރިއެރުވުމަށާއި، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ލިބިގެންދިޔަ މުހިންމު ބާރެއްކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ދާއިރާއަށް އަލަށް ގުޅުނު ވަކީލުންނަށް މަރުޙަބާ ކިޔަމުން، ބާ ކައުންސިލުން ވަނީ އެ ބޭފުޅުންގެ މަސައްކަތުގައި ކާމިޔާބީއަށް އެދިފައެވެ. އަދި ގާނޫނީ ދާއިރާއަކީ އިތުބާރާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކޮށް، ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް އެ ކައުންސިލުން ވަނީ ބާރުއަޅާފައެވެ.

ވަކީލުކަމުގެ ހުވާކުރުމުގެ މި ރަސްމިއްޔާތަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ.