ދެ އިންތިހާބު އެއްކޮށްލާ ރިފަރެންޑަމް ވޯޓު ނެގުމާ ގުޅޭ ގަރާރު ނެރުއްވައިފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޤަރާރެއް ނެރުއްވައިފިއެވެ. މި ވޯޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައެވެ.

މި ޤަރާރަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލާ ގުޅިގެން ނެރުއްވި ޤަރާރެކެވެ. ޤާނޫނުއަސާސީއަށާއި، މި ސަރުކާރުން ޢަމަލުކުރަން ފެށި "ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން، މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޝްވަރާ ހޯދުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވެއެވެ. މި އިޞްލާޙުތައް ތަޞްދީޤު ކުރެވޭނީ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. ރައްޔިތުން މިކަމަށް ނޫނެކޭ ބުނެފި ނަމަ، މަޖިލީހުން ފާސްކުރި ބިލު ބާޠިލުވާނެއެވެ.

މިކަމަަށް ހުށަހަޅާ ސުވާލަކީ: "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ