ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް، މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަން ފެށުމާ ގުޅިގެން، ކުރީގެ ޓާމިނަލް އެތެރޭގެ ދަތުރުތަކަށް ޚާއްސަކުރުމަށްޓަކައި މަރާމާތުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބަދަލާއެކު، މާދަމާ ބާއްވާ ޚާއްސަ ރަސްމިޔާތަކަށްފަހު އެތެރޭގެ ހުރިހާ އޮޕަރޭޝަންތަކެއް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ފޯރުކޮށްދޭން ފަށާނެއެވެ.
ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ދެމުން އަންނަ މޯލްޑިވިއަން، މަންޓާ އެއާ އަދި ވިލާ އެއާގެ ހުރިހާ ދަތުރުތަކެއް މާދަމާއިން ފެށިގެން ބަދަލުވާނީ މި ޓާމިނަލަށެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ، މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލަށް ބާރުބޮޑުވާ ވަގުތުތަކުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.