ކުޑަކުދިންނާ ބެހުމާއި ޖިންސީ އެކި ކުށްތައް ސާބިތުވި ޖެފްރީ އެޕްސްޓީންއާ އެކު ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްތާން އަހްމަދު ބިން ސުލަޔަމް ގިނަ މުއާމަލާތްތަކެއް ހިންގައި އޭނާގެ މުޑުދާރު އަމަލުތަކުގައި ބައިވެރިވެފައިވާކަން ހާމަވެފައި ވަނިކޮށް މަގާމުން ވަކިކޮށްފި އެވެ.
ދުބާއީގެ ޑީޕީ ވޯލްޑުގެ އެންމެ އިސް މަގާމަށް އާ ބޭފުޅަކު އައްޔަންކުރިކަން ހާމަކޮށް ބަޔާނެއް ނެރުނު ކަމުގައި ވިޔަސް އެ ބަޔާނުގައި ސުލަޔަމްގެ ނަން ވެސް ގެނެސްފައެއް ނުވެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި އެތައް މިލިއަން ޑޮކިއުމެންޓެއްގައި ސުލަޔަމްގެ ނަން 9،400 އަށް ވުރެ ގިނަ ފަހަރު އައިސްފައިވެ އެވެ. އަދި އޭނާ އާއި އެޕްސްޓީން ދައްކާފައިވާ އެކި ވާހަކަތަކާ ގުޅޭ ސުރުހީތައް މީޑިއާގައި ވަރަށް ގަދަޔަށް ދައުރުވެފައިވެ އެވެ.
"ޑީޕީ ވޯލްޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ހިޒް އެކްސެލެންސީ އީސާ ކާޒިމް އައްޔަން ކޮށް، ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޔުވްރާޖް ނާރަޔަން އައްޔަން ކޮށްފި،" ދުބާއީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ބަޔާނަށް ފަހު ޑީޕީ ވޯލްޑްގެ ވެބްސައިޓުން ސުލަޔަމްގެ ބަޔޯގްރަފީ ވެސް ވަނީ ނަގައިފަ އެވެ.
ޕޯޓްތައް އޮޕަރޭޓްކުރާ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޑީޕީ ވޯލްޑްގެ ވެރިޔަކަށް ހުންނެވި ސުލަޔަމް އަކީ، ކުށް ސާބިތުވުމުން ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި އެޕްސްޓީންގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ ކަމަށް އެޕްސްޓީންގެ މެއިލްތަކުގައި ބުނެފައިވެ އެވެ.