ދުނިޔޭގެ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމު މިހާރު ނެތިގޮސްފައިވާ ކަމަށް ވިދާޅުވެ، ޖަރުމަނުގެ އިދިކޮޅު ލީޑަރު ފްރީޑްރިކް މާރޒް އިންޒާރު ދެއްވައިފިއެވެ.
މިއަހަރުގެ މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ހުޅުވައިދެއްވަމުން އޭނާ ވިދާޅުވީ، ބޮޑެތި ބާރުތަކުގެ ސިޔާސީ ވާދަވެރިކަން އިތުރުވެފައިވާ މި ދުވަސްވަރުގައި، "އަޅުގަނޑުމެންގެ މިނިވަންކަމަކީ ކަށަވަރުވެފައިވާ އެއްޗެއް ނޫން" ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުން "ގުރުބާނީތަކެއް" ވާން ތައްޔާރަށް ތިބެންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާރްޒް ވަނީ ޔޫރަޕާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަމަށް އެއްބަސްވެފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑެންމާކުގެ ސިޔާދަތީ ބާރަށް ނުފޫޒު ފޯރުވުމަށް ކުރެއްވި އިންޒާރުތަކާ ގުޅިގެން އުފެދުނު މައްސަލައެއް ކަމަށް ބެލެވެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ ގައުމުތަކުގެ ގާތްގަނޑަކަށް 50 ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ޔޫރަޕްގެ ދިފާއީ ކަންކަމާއި އެޓްލާންޓިކް ކަނޑުގެ ދެބިތުގެ ގުޅުމުގެ މުސްތަގުބަލާ ބެހޭގޮތުންނެވެ.
މި ކޮންފަރެންސް ބާއްވަނީ ނޭޓޯގެ އަސްކަރީ އިއްތިހާދަށް އެމެރިކާއިން ދޭ އެއްބާރުލުމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ގްރީންލޭންޑް ހޯދުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަކީ، އެމެރިކާއަކީ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި އޮތް އޮތުމާ މެދު ޔޫރަޕްގެ ގައުމުތަކުން ކުރާ އިތުބާރު ގެއްލިގެން ދިޔަ މުހިންމު ސަބަބެއް ކަމަށް ގިނަ ލީޑަރުން ދެކެއެވެ.
މީގެ އިތުރުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ހުޅަނގާއި ޗައިނާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ އިތުރުން އީރާނާއި އެމެރިކާއާ ދެމެދު ވެވިދާނެ ނިއުކްލިއަރ އެއްބަސްވުމަކާ ބެހޭގޮތުންވެސް މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.
"އަޅުގަނޑު ބިރުގަންނަނީ މިކަން މިއަށްވުރެ ސާފުކޮށް ބުނަންޖެހިދާނެތީ. މިހާރު އޮތް ނިޒާމަކީ ފުރިހަމަ ނޫން ނިޒާމެއް ކަމުގައި ވިޔަސް، އެންމެ ރަނގަޅަށް އޮތް ދުވަސްވަރު ފެނުނު ސިފައެއްގައި މިހާރަކު އެ ނިޒާމެއް ނެތް،" ދުނިޔޭގެ ނިޒާމުތައް ރޫޅެމުންދާކަމަށް ދެވޭ އިންޒާރުތަކަށް އިޝާރާތް ކުރައްވައި މާރްޒް ވިދާޅުވިއެވެ.
އަދި ޔޫރަޕާއި އެމެރިކާއާ ދެމެދު ބޮޑު ފަރަގެއް އުފެދިފައިވާ ކަމަށާއި، މިދިޔަ އަހަރުގެ މިއުނިކް ކޮންފަރެންސްގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްވެސް މިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވެންސްގެ ވާހަކަ ރަނގަޅު. 'މޭކް އެމެރިކާ ގްރޭޓް އެގެއިން' (މަގާ) ހަރަކާތުގެ ސަގާފީ ހަނގުރާމައަކީ އަޅުގަނޑުމެންގެ ކަމެއް ނޫން. އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަތަކަކީ އަޅުގަނޑުމެންގެ ގާތުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން،" މާރްޒް އިތުރަށް ވިދާޅުވިއެވެ.
ނަމަވެސް، އެތައް އަހަރެއްވީ މި ގުޅުން މުޅިން ކަނޑާލުމުގެ ބަދަލުގައި، އެމެރިކާއަށް ގޮވާލެއްވީ "އެޓްލާންޓިކްގެ ދެބިތުގެ މެދުގައި އޮތް އިތުބާރު އާލާކޮށް މަރާމާތު ކުރުމަށެވެ."
ޖަރުމަނުގެ ލީޑަރު ހާމަކުރެއްވި ގޮތުގައި، ޔޫރަޕްގެ ގައުމުތައް ގުޅިގެން ނިއުކްލިއަރ ހަތިޔާރުގެ ދިފާއީ ނިޒާމެއް އުފެއްދުމާ ގުޅޭގޮތުން ފަރަންސޭސި ރައީސް މެކްރޮންއާ އެކު "ސިއްރު މަޝްވަރާތަކެއް" ދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޔޫރަޕްގައި ނިއުކްލިއަރ ބާރު އޮތީ ހަމައެކަނި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައެވެ. ޖަރުމަނާއި ޔޫރަޕްގެ އެހެން ގިނަ ގައުމުތަކުން މިހާތަނަށް ބަރޯސާވަމުން އައީ ނޭޓޯގެ ތެރެއިން އެމެރިކާއިން ފޯރުކޮށްދޭ ނިއުކްލިއަރ ހިމާޔަތަށެވެ.