ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދީފި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ އައްޑޫ ސިޓީގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށް އައްޑޫގައި ތައްޔާރުކޮށްފައިވާ ޕީއެންސީގެ 22 ކެންޑިޑޭޓެއްގެ ޕޯސްޓަރުތަކަށް ބަޔަކު ގަސްތުގައި ގެއްލުންދީފައިވާ ކަމަށެވެ.
އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި މި ގެއްލުން ދީފައިވަނީ ބްރިޖުން ފައިބައިގެން މަރަދޫ ސަރަހައްދަށް ވަދެވޭ ހިސާބުގައި ހަރުކުރުމަށް ތައްޔާރުކޮށްފައި ހުރި ޕޯސްޓަރުތަކަކަށެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ބައެއް ޕޯސްޓަރުތައް ހަރުކުރުމަށްފަހު، ބާކީ ހުރި ތަކެތި ފަހުން ހަރުކުރަން ބަހައްޓާފައި ހުއްޓާ ކަޓަރު އަޅައި ގެއްލުން ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލަ މިހާރު އައްޑޫ ސިޓީގެ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.
ސިނާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކަކަށް ގެއްލުންދީ، ތަކެއްޗަށް ރައްދު ހިފުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު، ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ކަޅުތެޔޮ ޖެހުމާއި ޕޯސްޓަރުތައް ވީދާލައިގެން އިންތިޚާބުތައް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރާ ޒަމާން މާޒީވެފައިވާ ކަމަށާއި، ކެމްޕެއިން ކުރަންވާނީ މިއަށްވުރެ ތަސައްރަފު ފުދޭ، ހަރުދަނާ ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ބަޔަކު ކޮން މަގުސަދެއްގައި ހިންގި އަމަލެއް ކަމެއް ނޭނގުނަސް، މިއީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫންކަން އޭނާ ބަޔާންކުރެއްވިއެވެ.