ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެބުރުވަރީ 9 އިން 13 އަށް ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް، އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފައި ވަނީ، ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައި، މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި ރަސްމީ މަޝްވަރާގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.