ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ނަމުގައި ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ބާރު ދާއިމީކުރުމަށް ހިންގަވާ "ބަޣާވާތެއް" ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ޤާނޫނީ ހެދުން އަޅުވައިގެން ޤާނޫނުއަސާސީ "ކަތިލުމަށް" ސަރުކާރުން ކުރާ މި މަސައްކަތަކީ ވެރިކަމުގެ ދައުރު ދިގުދައްމާލުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅެވެ. އަދި މި ފިޔަވަޅު ނިމޭ ހިސާބަކީ ދިގުދެމިގެންދާ ޚުދުމުޚުތާރު، އަނިޔާވެރި އަދި ބިރުވެރި ވެރިކަމެއް ފެށޭ ހިސާބު ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
ޝާހިދުގެ ޕޯސްޓުގައި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުން ދެކެއާއި ވޯޓު ފޮށި ދެކެ ގަންނަނީ "އަމަށަކު ބިރެއް ނޫން" ކަމަށެވެ. ވަކިވަކިން ބާއްވާ ދެ އިންތިޚާބަކީ ރައްޔިތުންނަށް ދެ ފަހަރު މަތިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ ރައްޔިތުންގެ އަތުން ބާރުތައް ފޭރިގަނެ، ވޯޓުން ވެރިކަން ބަދަލުކުރެވޭނެ މަގު ހަނިކުރުމަކީ "އިސްލާޙެއް ނޫން" ކަމަށެވެ.
"މިއީ ބަޣާވާތެއް. މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވެރިކަމަށް ފުރުޞަތު ނުދީ، މުއިއްޒު ވެރިކަމުގައި ދާއިމީކޮށް ބެހެއްޓުމަށް ހިންގާ ބަޣާވާތެއް،" ޝާހިދު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ޤާނޫނާއި ޤާނޫނުއަސާސީ ފުނޑުފުނޑުކޮށްލައިގެން ވެރިކަމުގައި ތާއަބަދު ހުންނެވޭނެ ކަމަށް ގަބޫލުކުރެއްވުމަކީ ގޯހެއް ކަމަށާއި، ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންގެ ޤައުމު ކަމަށާއި، ދިވެހި ރައްޔިތުން ނިކުމެ މިކަމާ ދެކޮޅަށް އިޙްތިޖާޖު ކުރާނެ ކަމަށެވެ.
ސަރުކާރުން ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، އިދިކޮޅު ފަރާތްތަކުން އަންނަނީ މި ބަދަލުތަކަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.