އޭސީސީގެ ރައީސް އާދަމް ޝާމިލް --

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ކޮރަޕްޝަން ބޮޑުކަމަށް ބުނުމުން އޭސީސީން ގަބޫލެއްނުކުރި

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

                     ދުނިޔޭގެ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ވަޒަންކުރާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި، ރާއްޖޭގެ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް އޮތް ކަމަށް ދެއްކި ނަތީޖާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ރައްދުދީފިއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރި މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. މިއީ 182 ގައުމުގެ ތެރެއިން 91 ވަނަ އެވެ. ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރޭންކިންއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ނިޒާމީ ބަލިކަށިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އިންސާފު ހޯދުމުގައި ރައްޔިތުންނަށް ހުރަސްތައް އެބަހުއްޓެވެ. އަދި ދައުލަތުގެ ބާރުތައް އެއްކުރުމުގެ ސަބަބުން 'ސްޓޭޓް ކެޕްޗާ' ނުވަތަ ދައުލަތް ގޮށްމުށުބާރުގެ ދަށަށް ދިއުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީޕީއައި އަކީ ކޮރަޕްޝަން އޮތް މިންވަރު ހަގީގީ މިންގަނޑުތަކުން ވަޒަންކުރާ ދިރާސާއެއް ނޫން ކަމަށާއި، އެއީ ކޮރަޕްޝަން އޮތް ކަމަށް މީހުން "ދެކޭ ގޮތް" ބަލާ މިންގަނޑެއް ކަމަށެވެ. އަދި ރާއްޖޭގެ ރޭންކިން ކަނޑައެޅުމުގައި ބޭނުންކޮށްފައިވަނީ އެންމެ ތިން މަސްދަރެއް ކަމުން، އެއީ ރާއްޖޭގެ ހަގީގީ ހާލަތު ދައްކުވައިދޭ މާނަހުރި ނަތީޖާއެއް ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން އިތުރަށް ފާހަގަކުރި ކަންތައްތައް:

  • ރާއްޖޭގެ ނަޒާހާތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
  • ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު، ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.
  • ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން އެކެޑެމީއާ ގުޅިގެން، ކޮރަޕްޝަން ހުއްޓުވާ އިދާރާތަކުގެ ފެންވަރު ވަޒަންކުރުމުގެ ފަންނީ މަސައްކަތްތަކުގައި ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ