ޖަރުމަނުން އަންނަ ފަތުރުވެރިން އިތުރުކުރަން ވިޒިޓް މޯލްޑިވްސްއިން ޑާޓުއާއާ އެކު އެއްބަސްވުމެއް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ވިޒިޓް މޯލްޑިވްސްއިން, ވިލާތުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޖަރުމަނުވިލާތުގެ ޑާޓުއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޖަރުމަނުގެ ވެރިރަށް ބާލިންގައެވެ.


ވިޒިޓް މޯލްޑިވްސްއިން ބުނީ، އެ އެއްބަސްވުމަކީ، ޖަރުމަނުވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.


ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، އިންޑިއަން އޯޝަން އަދި އޭޝިޔާ، ޔޯން ކްރައުޒާއެވެ.


އެ އެއްބަސްވުމުގެ ދަށުން ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށް ވުރެ މައްޗަށް ޖެއްސުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.