ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ތަރައްގީކޮށްފައިވާ ޓަވަރުތައް ކައިރިއަށް މީހުން އެކި ބާވަތްތަކުގެ ކުނި އަޅައި ގޮނޑުކުރަމުންދާތީ، ޖޫރިމަނާ ކުރަން ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރާ ކަމަށް ބަޔާނުގައިވެއެވެ.
އެފްޑީސީން ބުނީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ. ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ޚާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށް އެފްޑީސީން ބުންޏެވެ.
ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން އެފްޑީސީން ފާހަގަކުރިއެވެ.
ވީމާ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް އަމަލުކުރުމަށް އެންމެންނަށް ވެސް ނަސޭހަތްތެރިވާ ކަމަށް އެފްޑީސީން ބުންޏެވެ. އަދި ގަވައިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެފްޑީސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެކަން އާންމުކޮށް އިއުލާންކޮށްފައިވެއެވެ.
"ޖޫރިމަނާ ތަންފީޒުކުރަން ފަށައިފައިވާއިރު، އުސޫލާ ޚިލާފުވި ބައެއް ފަަރާތްތަކާމެދު ފިޔަވަޅު އަޅައި މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ." އެފްޑީސީގެ ބަޔާނުގައިވެއެވެ