މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ބިކިނީ އާއި ނިވައިކަން ކުޑަ ހެދުން ލައިގެން އުޅޭ ބިދޭސިންނާއި ފަތުރުވެރިންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ތައާރަފު ކުރި އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ ޒަމްޒަމް ފާރިޝް އެވެ.
ޕެޓިޝަނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީންނާއި ފަތުރުވެރިން އުޅޭ ކަމަށާއި މީގެ ސަބަބުން އިސްލާމީ އަހުލާގާއި ދިވެހި ކާބަފައިންގެ ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށެވެ.