މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވި މައްސަލާގައި އެ މިނިސްޓްރީ ޖޫރިމަނާ ކުރުމުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.
މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވުމުން އައިކޮމުން މިއަދު ވަނީ އެ މިނިސްޓްރީ 700ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.
އެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރަން ވަރަށް ބޮޑަށް އިސްކަަމެއް ދޭ އަދި އެކަމާ ގުޅިގެން، ހަދާފައިވާ އެންމެހައި ގާނޫނުތަކަށް އިހުތިރާމްކުރާ މިނިސްޓްރީއެއް ކަމަށެވެ.
"މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ މިނިސްޓްރީއެއް. މީޑިއާއާ ނުހަނު ގާތްކަން ބާއްވާ މިނިސްޓްރީއެއް. މިނިސްޓްރީ ދެމިއޮންނާނީ އެގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަށް މިދިޔަ ދެ އަހަރު ހުށަހެޅި ކަންކަމާއި އެ އަށް ޖަވާބު ދީފައިވާ އަދަދުތައް މާދަމާ މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
އައިކޮމުން މިއަދު އިސްލާމިކް މިނިސްޓްރީ ޖޫރިމަނާ ކުރީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އެ މިނިސްޓްރީން މައުލޫމާތު ނުދިނުމާއި އެ ޝަކުވާތައް ބަލަން ތާވަލްކުރި ބައްދަލުވުމުގައި ވެސް ބައިވެރި ނުވާތީ އެވެ.
އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅި ހުރަހެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ބައްދަލުވުންތަކަށް ހާޒިރުނުވެގެން ބައެއް އިދާރާތައް މީގެ ކުރިން ވެސް ޖޫރިމަނާ ކޮށްފައިވެ އެވެ.