ގޭސް ފުޅިތަކެއް --

"ގޭހަކަށް ނުޖެހޭނެ، މައްސަލަ ހައްލުވާނެ"

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ކައްކާ ގޭހުގެ ސަޕްލައި އަށް އައިސްފައިވާ ލޮލުންތަކުގެ އަސަރު މި ވަގުތު ދިމާވެފައި ވިޔަސް ވަރަށް އަވަހަށް މައްސަލަ އެއްކޮށް ހައްލުވެ، ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ވިއްކަނީ ހަތް ކިލޯގެ ގޭސްފުޅި އެވެ. 

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ބައެއް މީޑިއާ ތަކަށް ވިދާޅުވީ، ގޭހުގެ ސަޕްލައި އަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެ އަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން "ރޭޝަން" ކޮށްގެން ނުވަތަ "ކޮންޓްެރޯލްކޮށް" ގޭސް ވިއްކުމަކީ ކުރާ ކަމެއް ކަމަށެވެ.

އެކަމަކު، އަންނަ ހަފުތާގައި އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރީގެ ގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭހެއް ހުހެއް ނުވޭ. އަޅުގަނޑުމެންނަށް މެނޭޖު ކުރެވޭނެ،" ޝާހު ވިދާޅުވި އެވެ. 

"ރަމަޟާން މަހަކީ އެހެން މަސްމަހާ ތަފާތުކޮށް، ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ހާއްސަ މަހެއް ކަމަށް ވުމާ އެކު، މޯލްޑިވް ގޭހުން ވެސް އަންނަނީ އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުން. ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން."