ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ގޫގުލް އިން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދަށް އާދަޔާޚިލާފު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ގޫގުލްއިން އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވަނީ ބައިނަލްއަގުވާމީ ސަބްމެރީން ކޭބަލް ލޭންޑިންގ ސްޓޭޝަނެކެވެ. މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ކޭބަލް ސްޓޭޝަނުގެ ސަބަބުން އައްޑޫގެ އިގްތިސާދީ މުސްތަގުބަލަށާއި، ވަކިން ހާއްސަކޮށް ޑިޖިޓަލް އިކޮނޮމީގެ ދާއިރާއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު ބަދަލެއް އަންނާނެއެވެ.
މިނިސްޓަރު ވިދާޅުވީ މި މުހިންމު މަސައްކަތުގެ ބިންގާ އެޅިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގޫގުލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ސީދާ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހެޅުއްވި މަޝްރޫޢެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި ބުރަ މަސައްކަތުން، މިހާރު މިވަނީ މަޝްރޫޢު ފެށުމަށް ބޭނުންވާ ހުރިހާ މަރުހަލާއެއް ނިމިފައި ކަމަށެވެ. އެގޮތުން، ބޭނުންވާ ބިން ހަމަޖެހި، ގޫގުލްއިން ހަދަންޖެހޭ ދިރާސާތައް ނިންމައި، ކުންފުންޏާއި އިންވެސްޓްމަންޓް ރަޖިސްޓްރީކޮށް މިހާރު އޮތީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ގޫގުލްގެ މި އިންވެސްޓްމަންޓާއެކު ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ހަބަކަށެވެ. އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ މި ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ޕޮއިންޓްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށް އާ ދިރުމެއް ލިބި، ސަރަހައްދީ މުވާސަލާތީ މަރުކަޒަކަށް ރާއްޖެ ބަދަލުވެގެންދާނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ނަންމަޝްހޫރު މިފަދަ ބޮޑު ކުންފުންޏަކުން ރާއްޖޭގައި އިންވެސްޓްކުރުމަކީ، ބައިނަލްއަގުވާމީ އެހެން ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތްކަން ހާމަވެގެންދާނެ ކަމެއް ކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.