ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
މި ޕޯޓަލް މެދުވެރިކޮށް، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މި ނިޒާމުގެ ތެރެއިން ސޮއިކުރާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ. މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި މަޖިލިސް މެންބަރުންނަށް ބަރޯސާވުން ކުޑަވެ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކަންބޮޑުވުންތައް ފާޅުކުރުމުގެ މަގު ހުޅުވިގެންދާނެއެވެ.
މި ޕޯޓަލް އިފްތިތާޙުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޕޯޓަލް ފަރުމާކޮށްފައިވަނީ ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.
މި ނިޒާމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން މިފަދަ ޑިޖިޓަލް ޕެޓިޝަން ނިޒާމެއް ޤާއިމުކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މީގެ ކުރިން މި ސަރަޙައްދުގައި މިފަދަ ނިޒާމެއް ޤާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ. މި އީ-ޕެޓިޝަން ޕޯޓަލްއަކީ ދެފުށް ފެންނަ، އިޖާބަދޭ، އަދި ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.