އަބޫ މުހައްމަދު އަލް ޖޫލާނީ (އަހުމަދު އަލް ޝަރާ) --

ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށްފި

ނާއިފް ހަލީމް
 
15 ގަޑިއިރު ކުރިން

 ދިވެހިރާއްޖޭން ކަނޑައަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށް، ދިވެހީން ސީރިއާއަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން ނިމުމަކަށް ގެނެސްފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކުރާ މި ލިސްޓަށް އެންމެ ފަހުން ގެނައި ބަދަލާއެކު، ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ އޮތް އޮތުން ވަނީ އުނިކޮށްފައެވެ. ސީރިއާއަކީ ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019 ގައެވެ.

މީގެ އިތުރުން، ސީރިއާގައި މިހާރު ވެރިކަން ކުރަމުންދާ އެޗްޓީއެސް ޓެރަރިސްޓު ލިސްޓުން އުނިކުރަން ސަރުކާރުން ނިންމެވީ، އެމެރިކާ ހިމެނޭހެން ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން ސީރިއާގެ މިހާރުގެ ވެރިކަމާ މެދު ބަލައިގަންނަ ފަދަ ސިޔާސަތުތަކެއް ގެންގުޅެމުންދާ ދަނޑިވަޅެއްގައެވެ.

ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ 2017 ވަނަ އަހަރު ސީރިއާގެ އެކި އިދިކޮޅު ޖަމާއަތްތައް ގުޅިގެން އުފެއްދި އިއްތިހާދެކެވެ. މީގެ ތެރޭގައި ކުރިން އަލްގައިދާއާ ގުޅުން އޮތް ޖަބްހަތުއް ނުސްރާ ވެސް ހިމެނެއެވެ.

އެ ޖަމާއަތުގެ އިސްވެރިޔާ، އަބޫ މުހައްމަދު އަލް ޖޫލާނީ (އަހުމަދު އަލް ޝަރާ) ވަނީ ފަހުން އަލްގައިދާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.