ސަރުކާރުން އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ "ގްރޭޓާ އައްޑޫ" ތަސައްވުރަކީ އެއްވެސް އަސްލެއް ނެތް، އޮޅުވާލުމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު މިފަދައިން ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާން "ގްރޭޓާ އައްޑޫ" ޖަހާފައިވާ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.
ނިޒާރު ވަނީ މި ތަސައްވުރަކީ މީގެ ކުރިން ފެތުރި "އިންޑިއާ އައުޓް" ކެމްޕޭނު ފަދަ، ހަގީގީ ބިންގަލެއް ނެތް ސިޔާސީ އުކުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ އިޝާރާތްކުރެއްވީ، އައްޑޫގައި ހުންނަ ޕޮލިސް އެކެޑަމީގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހުރިކަމަށް ބުނެ މިހާރުގެ ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވިއިރު ކުރެއްވި ތުހުމަތުތަކަށެވެ.
މީގެ އިތުރުން، "ގްރޭޓާ އައްޑޫ" ގެ ނަމުގައި ސަރުކާރުން ޝިއާރުތައް ފަތުރާއިރު، އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން އައްޑޫގެ އެއްބައިވަންތަކަން ގެއްލުވާލައި، ރަށްތައް ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ވަކިން ހާއްސަކޮށް ފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތަކީ އައްޑޫ ބައިބައިކުރުމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ބައިބައިކުރުމުގެ އަމަލުތައް ހިންގުމަށްފަހު "ގްރޭޓާ އައްޑޫ" އޭ ކިޔައިގެން ވާހަކަދެއްކުމަކީ ރައްޔިތުންނަށް ހަދާ ބޮޑު އިތުރުފުޅެކެވެ. އޭނާ ވަނީ މިކަމަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.