ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ 218 ސްކޫލެއްގައި މިއަދު ފަށާފައިވަނީ 77،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރީންގެ އިތުރުން ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، ހަރުދަނާ އަދި ހީވާގި ޖީލެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކަމަށެވެ. އަދި ދިވެހީން އެދޭ ފާގަތި ކުރިމަގު ހޯދައިދެވޭނީ ތަޢުލީމީ ޒިންމާ އަދާކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުންދީ، އިޚްލާޞްތެރިވީ މިންވަރަކުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލު
މި އަހަރަކީ ގިނަ އަހަރުތަކަކަށްފަހު ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށުނު ފުރަތަމަ އަހަރެވެ. މީގެ ކުރީގެ ސަރުކާރުން ގެނައި ބަދަލާއެކު ދިރާސީ އަހަރު ފަށަމުން އައީ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް، ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ މަޝްވަރާއާއެކު، ދިރާސީ އަހަރު ޖަނަވަރީގައި ފަށައި، ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭގޮތަށް އަލުން ބަދަލުކުރެއްވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާވެ، ހެޔޮލަފާ، ތޫނުފިލި އަދި އުޅުން ރީތި ދަރީންތަކެއް ބިނާކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.