ވެލިދޫގައި ސީޕްލޭންގެ ހިދުމަށް ފެށުން

ރައީސްގެ ވައުދު ފުޅާއި އެއްގިތަށް ވެލިދޫގައި ސީޕްލޭންގެ ހިދުމަށް ފަށައިފި

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިގޮތަށް ނ. ވެލިދޫއަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ. 

ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް މި މަހު ފަށަން ނިންމާފައިވާކަން ރައީސް އިޢުލާންކުރެއްވީ، މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ވެލިދޫއަށް ސީޕްލޭން ދަތުރުތަށް ފެށުމުގެގޮތުން، އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު، މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުން، އެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ޚާއްޞަ ލައުންޖެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. މިއަދު މެންދުރުފަހު އެ ޚިދުމަތް ފެށިއިރު، 14:40 ގައި ފުރަތަމަ ފްލައިޓް ވަނީ ފުރާފައެވެ. އެ ފްލައިޓުގައި ގާތްގަނޑަކަށް 15 މީހުން ވެލިދޫއިން މާލެއަށް ފުރާފައިވާއިރު، އޭގެތެރޭގައި ދިވެހިންނާއި ފަތުރުވެރިންނެވެސް ހިމެނެއެވެ.

މީގެއިތުރުން، މޯލްޑިވިއަނުން ވެލިދޫއަށް ކުރާ ސީޕްލޭންގެ ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ ފެއާއެއްވެސް ތަޢާރަފު ކޮށްފައިވެއެވެ. އެގޮތުން، ދިވެހިންނަށް ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 999 ރުފިޔާއެވެ. އަދި ފަތުރުވެރިންނަށް އެއްކޮޅު ޓިކެޓުގެ އަގަކީ 93 ޑޮލަރެވެ.

މޯލްޑިވިއަނުން ފާހަގަކުރާގޮތުގައި، މިއީ ނ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެ އަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.