ފުރޮޅުލީ ކުދި ބޯޓުތަކާ އެކު ދެކުނުގެ ހަތަރު އަތޮޅު ގުޅާލުން

ފުރޮޅުލީ ކުދި ބޯޓުތަކާ އެކު ދެކުނުގެ ހަތަރު އަތޮޅު މޯލްޑިވިއަނުން ގުޅާލަނީ

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ވައިގެ މަގުން ގުޅާލުމަށް ނިންމައި، އެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ. އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކަށް މިހާރު ވަނީ ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 500 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ.

މި ހިދުމަތް ދިނުމަށްޓަކައި މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ ޓްވިން އޮޓާ (DHC-6) ބޯޓެއް، އެއްގަމު ރަންވޭތަކަށް ޖެއްސޭ ގޮތަށް ފުރޮޅުލީ ބޯޓަކަށް ބަދަލުކޮށްފައެވެ. 15 މީހުންގެ ޖާގައިގެ މި ބޯޓަކީ ކުރު ރަންވޭތަކަށް ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ ބޯޓަކަށް ވުމުން، ދެކުނުގެ އެއާޕޯޓުތަކުގެ މެދުގައި ކުރާ ކުރު ދަތުރުތަކަށް މިއީ ވަރަށް އެކަށީގެންވާ ބޯޓެކެވެ.

މި އާ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ނިޒާމެއް ގާއިމުކުރުމެވެ. މިކަމުގެ ސަބަބުން ވަޒީފާއަށާއި ތައުލީމަށް އަދި ސިއްހީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ހާއްސަކޮށް ބަލި މީހުން އުފުލުމުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ހުރަސްތަކަށް ހައްލެއް ލިބޭނެއެވެ.

މީގެ އިތުރުން، މި ހިދުމަތުގެ ސަބަބުން އައްޑޫ ގަން ދެކުނުގެ ދަތުރުފަތުރުގެ މަރުކަޒަކަށް ވެގެންދާނެއެވެ. މީގެ ސަބަބުން ފަތުރުވެރިންނަށް ދެކުނުގެ އެކި ރަށްތަކަށް ދަތުރުކުރުން ފަސޭހަވެ، ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިތަކަށް އާ ދިރުމެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން އުންމީދު ކުރެއެވެ. މިއީ ގިނަ އެއާޕޯޓުތަކެއް އެޅުމުގެ ބަދަލުގައި އެއާސްޓްރިޕްތައް މެދުވެރިކޮށް ކުދި ބޯޓުތަކުގައި ދަތުރުކުރުމުގެ ސިޔާސަތާ ގުޅުންހުރި މަސައްކަތެކެވެ.