ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމަށާއި، ރަށްރަށުގެ ތަރައްޤީގެ ކަންކަން އެ ރަށެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް ތައާރަފުކުރެވުނު ނިޒާމެކެވެ. ނަމަވެސް، ފަހަކަށް އައިސް ކައުންސިލްތަކުގެ ދައުރާއި ޒިންމާތަކާ މެދު ސިޔާސީ މައިދާނުގައި ތަފާތު ބަހުސްތަކެއް ވަނީ އުފެދިފައެވެ. ވަކިން ހާއްސަކޮށް، ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ "ވޮޗްޑޮގް" ތަކެއްގެ ގޮތުގައި ސިފަކުރަން އުޅުމަކީ އޮޅުމެއްގެ ތެރެއަށް މަގުފަހިވާ ކަމެކެވެ.
މި ބަހުސް ހޫނުވެގެން ދިޔައީ، މިފަހުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަންޖެހޭ ބައެކެވެ. ނަމަވެސް، މިއީ ގިނަ ބަޔަކު ދެކޮޅު ހަދާ، އަދި ހަގީގަތާ ޚިލާފު ވާހަކައެކެވެ. ކައުންސިލްތަކުގެ މައިގަނޑު މަގުސަދަކީ ސިޔާސީ ގޮތުން ސަރުކާރާ ކުރިމަތިލުމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މި ވިސްނުމަކީ ކުށް ހީއެއްކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅަން ތިބޭ ބައެއް ކަމަށް ދެކުމަކީ ގޯސް ވިސްނުމެކެވެ. ކައުންސިލަރުން އިންތިޚާބު ކުރަނީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު ވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ކައުންސިލްތަކުގެ ބާބުގައި ބަޔާންކޮށްފައިވަނީ އެ އިދާރާތަކަކީ އެ ސަރަހައްދެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްޤީއަށް މަސައްކަތް ކުރަންޖެހޭ ފަރާތްތަކެއްގެ ގޮތުގައެވެ. ވީމާ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކައުންސިލްތަކުން ވަގުތު ބޭކާރު ކުރުމަކީ ޤާނޫނުއަސާސީގެ ރޫޙާ ވެސް ޚިލާފު ކަމެކެވެ.

ކައުންސިލްތަކުން މަސައްކަތް ކުރަންވީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ތަންފީޒު ކުރުމަށެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ސަރުކާރާ ގުޅިގެން، އެއްބާރުލުން ދީގެންނެވެ. ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ބަދަލުގައި، އެ ސިޔާސަތުތަކުގެ ތެރެއިން ރަށަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަކީ ކައުންސިލަރުންގެ ޒިންމާއެކެވެ. ރަށުގެ ބަނދަރު ހެދުމާއި، މަގު ހެދުމާއި، ނަރުދަމާގެ ނިޒާމު ގާއިމުކުރުން ފަދަ ކަންކަމަކީ ސަރުކާރުގެ އެހީތެރިކަމާ ނުލައި ކައުންސިލަކަށް އެކަނި ކުރެވޭނެ ކަންކަމެއް ނޫނެވެ.
ނަމަވެސް، މި ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ގެއްލުންވަނީ ސީދާ ރައްޔިތުންނަށެވެ. ކައުންސިލްތަކަކީ ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ މަރުކަޒުތަކަކަށް ހަދަން އުޅުމަކީ، ރަށުގެ ތަރައްޤީގެ ދުވެލި މަޑުޖެހި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެކެވެ.
ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ، ކައުންސިލްތަކަކީ ސަރުކާރުގެ ތަންފީޒީ އިދާރާތަކެއްގެ ގޮތުގައި މަސައްކަތް ކުރާ ތަންތަނަށް ވެގެންނެވެ. ސަރުކާރުން ރަށަކަށް ގެންނަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ކައުންސިލުން އެހީތެރިވެ، މަގު ފަހިކޮށްދިނުމަކީ އެ ރަށެއްގެ ރައްޔިތުންގެ ވޯޓަށް ދެވޭނެ އެންމެ ބޮޑު އިހުތިރާމެވެ. ޤާނޫނުގައި ކައުންސިލްތަކަށް ދީފައިވާ ބާރުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ފިތުނަ އުފެއްދުމަށް ދީފައިވާ ބާރުތަކެއް ނޫނެވެ. އެއީ ރަށުގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށް، އިޖުތިމާއީ ދުޅަހެޔޮކަން ގާއިމުކުރުމަށް ދީފައިވާ ބާރުތަކެކެވެ.
އެހެންކަމުން، ކައުންސިލްތަކުގެ ޒިންމާއާ މެދު ސުވާލު އުފައްދާ، އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ރައްޔިތުން ވައްޓާލަން މަސައްކަތްކުރާ ސިޔާސީ ފަރާތްތަކުން އެކަން ހުއްޓާލަން ޖެހެއެވެ. ކައުންސިލަރުންނަކީ ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުންނަށް ވުމުގެ ބަދަލުގައި، މުޅި ރަށުގެ ޚާދިމުންނަށް ވާންޖެހެއެވެ. ސަރުކާރާއި ކައުންސިލާ ދެމެދު އޮންނަންޖެހޭ ގުޅުމަކީ "ބަދަހި، އުފެއްދުންތެރި" ގުޅުމަކަށް ވާންޖެހެއެވެ. މި ގުޅުން ހީނަރުކުރުމަށް ދައްކާ ކޮންމެ ވާހަކައަކީ ރަށުގެ ތަރައްޤީއަށް ދެވޭ ހުރަހެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ވަރަށް ސާފެވެ. އެއީ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައެވެ. މި މަގުސަދު ހާސިލުކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެންނެވެ. ކައުންސިލްތަކުގެ ދައުރާ މެދު އޮޅުވާލަން އުޅެނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައެވެ. ރައްޔިތުން ބޭނުންވަނީ ކައުންސިލަރުން ސަރުކާރާ ޖަދަލުކުރާކަށް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ތަރައްޤީއެވެ. ވީމާ، ކައުންސިލްތަކުން ސަރުކާރާ އެކު އަތްގުޅާލައިގެން، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ މިއަދު ގައުމަށް އެންމެ ފައިދާހުރި ގޮތެވެ. އޮޅިގެން އުޅެނީ ކައުންސިލްގެ ޒިންމާ ސިޔާސީ ހަތިޔާރަކަށް ހަދަން އުޅޭ ފަރާތްތަކަށެވެ.