ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އަކީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކުންފުންޔެވެ. އެމްއޭސީއެލް އިން ވިދާޅުވީ، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 41 އިންސައްތަ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ރަސްމާލެ ހިއްކަމުން ދަނީ ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ.
ރަސްމާލެ މަސައްކަތް ފެށީ 2024 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.