ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާނެ ގިނަގުނަ ނިންމުންތަކެއް ވަޒީރުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ނިންމައިފިއެވެ. މި ނިންމުންތައް ނިންމާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު އެ ދާއިރާގެ ވިޔަފާރިވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
މިކަން އިއުލާންކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމުންތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، އެ ދާއިރާގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމެވެ. މިކަމާ ގުޅޭގޮތުން ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ފަދަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ސަރުކާރުން ކަނޑައެޅުއްވުމެވެ. މިއީ މި ދާއިރާއަށް އަމާޒުކޮށްގެން ހިންގޭ ޚާއްސަ މަޝްރޫއުތަކާއި ދެވޭ ލުއިތަކުގެ ދައުރަކަށް ވެގެންދާނެއެވެ.
ކެބިނެޓުން ނިންމެވި ބައެއް ކަންކަން 1 ޖެނުއަރީ 2026 އިން ފެށިގެން އަމަލީގޮތުން ތަންފީޒު ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން މީގެ ކުރިން ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަންވެސް މި މަސައްކަތުގެ ތެރެއިން ކުރިއަށްދާނެއެވެ.
މި ނިންމުންތަކާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުންނާއި އިދާރާތަކުން ކުރިއަށް އޮތް ތަނުގައި އާންމުކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.