ރ. ދުވާފަރުގައި ފިއުލް ޝެޑް ހުޅުވައިދެއްވުން | ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމުކުރި ފުރަތަމަ ފިއުލް ޝެޑް ހުޅުވުން

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ޝެޑް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރުގައި ހުޅުވައިދެއްވައިފި އެވެ.

ރައީސް މި ފިއުލް ޝެޑް ހުޅުވައިދެއްވާފައިވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފިއުލް ޝެޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ގާއިމުކުރުމަށް ރައީސް ނިންމެވި ފިއުލް ސްކިޑްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި އެންމެ ފުރަތަމަ ފިއުލް ޝެޑެވެ. މި މަސައްކަތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އާއި ހަވާލުކުރެވިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ސަރުކާރުން އިއުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.