ހުޅުމާލޭގެ މަގުތައް ސާފުކޮށް، ޕާކިން ތަރުތީބު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްސަ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. މި މަސައްކަތުގައި ޖުމްލަ 787 ޤަވާޢިދާ ޚިލާފު އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވަނީ ހާމަކޮށްފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ޑިސެންބަރު 11 ވަނަ ދުވަހުގެ ރޭ 8:00 އާ ހަމައަށެވެ.
ފުލުހުން ބުނި ގޮތުގައި، މި މަސައްކަތުގައި ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. މިކަން ކުރިއަށް ގެންދިޔައީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.
ހުޅުމާލެ ފޭސް 1 އަދި 2 އިން ޓޯ ކޮށްފައިވާ ޖުމްލަ 787 އުޅަނދުގެ ތަފްސީލަށް ބަލާއިރު، ރަޖިސްޓްރީ ކޮށްފައިވާ ޒޯނާއި ނުގުޅޭ ބޯޑްހުރި 252 އުޅަނދާއި، ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑް ނެތި މަގުމަތީ ހުރި 186 އުޅަނދާއި، އަދި މަގުތަކަށް ދޫކޮށްލާފައިވާ 349 އުޅަނދު ހިމެނެ އެވެ. މި އަދަދުތަކުން ދައްކުވައިދެނީ ހުޅުމާލޭގެ މަގުތަކުގައި ޕާކިންގެ ޤަވާޢިދުތަކަށް ބޯނުލެނބި ހުރި އުޅަނދުތަކުގެ ބޮޑު މިންކަމަށް ފާހަގަކުރެވެ އެވެ.
މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށެވެ. އެގޮތުން، ޤަވާޢިދުތަކަށް ބޯލެނބުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.