މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިއަދު ވިދާޅުވީ "އޮޕްރޭޝަން އަލިމަގު" ގެ ދަށުން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަަޅު އެޅުމަށް ފުލުހުން ފެށި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.
މިއަދުގެ އޮޕަރޭޝަނުގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.
ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ވަނީ ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގދ. އާއި ގއ. އަތޮޅުން ބަޔަކު ހައްޔަރުކޮށްފަ އެވެ. ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އަތޮޅުން 16 މީހަކު ހައްޔަރުކުރި އެވެ.
އެމީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.