ޕީއެސްއެމްގެ އެމްޑީ އަކަށް ޝަކީބް!

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙުމަދު ޝަކީބު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް ޝަކީބު އައްޔަންކުރެއްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން ދާދިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. އޭނާއަކީ ޕީއެސްއެމްގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 15 އަހަރު ކުރިން ދައުލަތުގެ މި މީޑިއާއާ ގުޅިވަޑައިގެންނެވި ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އެމްޑީގެ މަގާމަށް ޑިސެމްބަރު 23، 2024 ގައި އައްޔަންކުރެއްވުމުގެ ކުރިން ނަސްރީން ހުންނެވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައެވެ.

ޕީއެސްއެމްގެ އާ އެމްޑީއަކަށް ހަމަޖެއްސެވި ޝަކީބުއަކީ ތަޢުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 35 އަހަރު އެ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު، އުމުރުފުޅުން 55 އަހަރުގައި ރިޓަޔާ ކުރައްވާފައެވެ. ޝަކީބު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު (އީޑީސީ) ނުވަތަ މިހާރުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައެވެ. އެތަނުގައި އޭނާ 20 އަހަރު ހިދުމަތް ކުރެއްވިއެވެ.

ކުޑައިރުން ފެށިގެން ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމަށް ޝައުގުވެރިކަން ހުންނަ އަޙުމަދު ޝަކީބު، ނުވަތަ އެންމެން ދަންނަ ނަމުންނަމަ 'ޝަކީބުބެ' އާއްމުންގެ ސަމާލުކަމަށް އައީ ރޭޑިއޯއާއި ޓީވީގެ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.

ޝަކީބު ވަޒީފާގެ ދާއިރާއަށް ނިކުންނެވީ އެންމެ ފުރަތަމަ 1985 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އޭނާ ބަދަލުވީ އީޑީސީއަށެވެ. އީޑީސީގައި 20 އަހަރު މަސައްކަތް ކުރެއްވުމަށްފަހު، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަށް ބަދަލުވެ، އެތަނުގައި 12 އަހަރު މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް އެންއައިއީއަށް ބަދަލުވެ، ރިޓަޔާ ކުރައްވަންދެން އެތަނުގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވިއެވެ.

ޕްރެޒެންޓަރެއްގެ މަސައްކަތް ޝަކީބު ކުރެއްވީ ވަޒީފާއެއްގެ ގޮތުގައެއް ނޫނެވެ. ޝަކީބުބެގެ އެންމެ ފުރަތަމަ ހުށައެޅުއްވުމަކީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް ކަމަށްވާ "ކުޑަކުދިންގެ ބަގީޗާ" އެވެ. މި ޕްރޮގްރާމަކީ މަޢުލޫމާތު މުއްސަނދި، ރިވެތި ސިފަތައް ލިބިފައިވާ ހޭލުންތެރި ކުދިންތަކެއް ބިނާކުރުމަށް އަމިއްލަ ޝައުގުވެރިކަމުގައި ފެއްޓެވި ޕްރޮގްރާމެކެވެ. "ޝަކީބުބެ" މި ނަމުން މަޝްހޫރުވީވެސް މި ޕްރޮގްރާމާ ގުޅިގެންނެވެ. ހަމަ އެދުވަސްވަރު ޝަކީބުބެ ވަނީ ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި ދުވަހު ނޫސް "ހަވީރު" ގައި ކުޑަކުދިންނަށް ޚާއްސަ ސަފުހާއެއް ލިޔުއްވާފައެވެ.