އެމްއެމްއޭ---

މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގަނީ

މޫސާ އަލީ
 
7 މަސް ކުރިން

ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމަށް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފިއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ. ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ވެސް އޮތީ ދީފައެވެ.

އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ. އެމްއެމްއޭއިން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އަދަދު 90 ޕަސަންޓަށް އިތުރުކުރަން ނިންމާފައެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ، އެ އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރު އުޅެނީ 18-19 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.