ދައުލަތަށް މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 39.7 ބިލިއަން ރުފިޔާގެ ތެރެއިން 66 ޕަސެންޓް މިހާރު ވަނީ ލިބިފައި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 4 އަށް ދައުލަތަށް 26.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ 78 ޕަސެންޓަކީ ޓެކްސް އާމްދަނީއެވެ. ޓެކްސްގެ ގޮތުގައި ޖުމުލަ 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަމަށްވާ 10.9 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީން 1.9 ބިލިއަން ރުފިޔާއާއި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ޖުމުލަ އާމްދަނީގެ 21 ޕަސެންޓެވެ. މީގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 203 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.