މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާ ގޮތުގައި ފުރަތަމަ ހަތް މަސްދުވަހު ރާއްޖެއިން ވަނީ 52،763 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ.
އެހެންކަމުން މިއީ 88.8 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުން ދައްކާ ގޮތުން ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ.
ކަނޑުމަސް ނުހިމަނައި ފިނިކުރި، ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެއިތުރުން ޕްރޮސެސްކޮށްގެން 895 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 572 މެޓްރިކް ޓަނުގެ މަހެވެ. މިއީ 65 އިންސައްތައިގެ އިތުރުވުމެކެވެ.
ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި އަދި ކަނޑުމަސް ނުހިމަނައި ފިނިކުރި، ތާޒާ މަހުގެ ގޮތުގައާއި ޕްރޮސެސްކޮށްގެން އެކްސްޕޯޓް ކުރި އަދަދު އިތުރުވެފައިވީ ނަމަވެސް ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ.
އެގޮތުން ބަލާއިރު، ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރީ 3536 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 3752 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރިއެވެ. އެހެންކަމުން މިއީ 5.8 އިންސައްތައިގެ ދަށްވުމެކެވެ.