މަސްވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން އުފައްދާފައި އޮންނަ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ.
ޕީސީބީ އިން މިއަދު ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް، އދ.މާމިގިލީ، ޖަވާހިރުވާދީ ޑޮކްޓަރ މުޙައްމަދު އިބްރާޙިމް އައްޔަން ކޮށްފައިވާ ކަމަށެވެ.
މަސްވެރިކަން ޕްރޮމޯޓް ކުރަން އުފައްދާފައި އޮންނަ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް މިއައްޔަން ކުރީ ކުރިން އެމަގާމުގައި ހުންނެވި އަހްމަދު ޒަރީރު އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަމާއި ހަވާލުވެ ވަޑައިގަތުމަށް އެކުންފުނިން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ރައީސް މުއިއްޒު ކުންފުންޏެއް އުފެއްދެވީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށެވެ.