ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ވަހީދުގެ ނަން ފާހެއް ނުވި

މުހައްމަދު ހަމީޒް
 
2 ދުވަސް ކުރިން

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ގައުމީ މަޖިލިހުގައި ނެގި ވޯޓުގައި ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 48 މެމްބަރު ވޯޓު ދެއްވިއެވެ. އެހެންވެ، އޭނާ އެ މަގާމަށް އައްޔަން ކުރަން ފާހެއް ނުވިއެވެ.

ޗެއާޕާސަންގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ، އެ މަގާމަށް އަސްލަމަށް ވާދަ ކުރެވޭތޯ ބައެއް މެމްބަރުން ސުވާލު އުފެއްދުމުން ރިޔާސަތުން ނިންމީ އަސްލަމްގެ ނަމަށް ވޯޓަށް ނޭހުމަށެވެ.

ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު އިންތިހާބުކޮށްފައެއް ނުވެއެވެ. އަދި ގައުމީ މަޖިލިހުގެ ކޯރަމް ގެއްލުމާ ގުޅިގެން ބައްދަލުވުން ވަނީ ނިންމާލައިފައެވެ.