މީޑިއާތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން ކޮންޓެންޓު ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން އުފައްދާފައިވާ "ނޭޝަނަލް ނިއުސް އެޖެންސީ" މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.
ސަރުކާރުގެ ނިއުސް އެޖެންސީއެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، އިންފޮމޭޝަން މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބެލުމުގެ ދަށުން ހިންގާ މި ނިއުސް އެޖެންސީ، އެއްބަސްވުމުގައި ސޮއިކުރިތާ ތިން މަސް ފަހުން ލޯންޗުކޮށްދެއްވީ، ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީންގެ އިތުރުން އިންފޮމޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާނެވެ.
އެޖެންސީގެ ވެބްސައިޓު އިފްތިތާހުކުރުމަށް ފަހު، މި ޕްލެޓްފޯމާ އެންމެ ފުރަތަމަ ގުޅުނު 20 މީޑިއާ އިދާރާއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ، މީޑިއާތަކަށް ބޭނުންކުރުމަށްޓަކައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓުތަކާއި، އެކި އިވެންޓުތަކާ ގުޅޭ ވީޑިއޯ އަދި ފޮޓޯ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަމިއްލަ އެހެން މީޑިއާތަކުން ނަގާ ފޮޓޯ އާއި ވީޑިއޯ ވެސް މި ވެބްސައިޓު މެދުވެރިކޮށް ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ. ޕީއެސްއެމްގެ އެމްޑީ ނަސްރީން ވިދާޅުވީ، ގިނަ އަދަދެއްގެ ކޮންޓެންޓުތައް މި ޕްލެޓްފޯމު މެދުވެރިކޮށް ހިލޭ ދޫކުރާނެ ކަމަށެވެ. އަދި ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕްރިމިއަމް ޕެކޭޖުތައް ވެސް ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަސްރީން ވިދާޅުވި އެވެ.
މީގެ އިތުރުން، ޕީއެސްއެމްގެ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓާއި އިންފޮމޭޝަން މިނިސްޓްރީ ގުޅިގެން މީޑިއާތަކަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށާއި، ބައިނަލްއަގުވާމީ މީޑިއާ އިވެންޓުތަކުން ވެސް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަސްރީން ވިދާޅުވި އެވެ.