ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ވަނީ ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ގެނައި 1 ވަނަ އިޞްލާޙުގެ ބިލު ތަސްދީޤުކުރައްވާފައެވެ.
މި ބިލަކީ، 05 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ހިންގުމަށް ހުރި ޝަރުޠުތައް މުރާޖަޢާކޮށް ބަދަލުކުރުމެވެ. އެއީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު އިތުރަށް ހުޅުވާލައި، ޤާބިލުކަމާއި ވަސީލަތްތައް ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.
މި އިޞްލާޙުގެ ސަބަބުން، ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ކަނޑައެޅުނު ޝަރުޠުތަކުގެ ތެރޭގައި، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 15 އަހަރު ހިންގާފައިވާ މަރުކަޒަކަށްވުން، ނުވަތަ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާ މަރުކަޒަކަށްވުން ހިމެނެއެވެ. އަދި، ރާއްޖޭގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭނަމަ، އެ ކޮލެޖެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 ދާއިރާއަކުން، އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން.
- އެ ކޮލެޖުގައި ހިންގާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން.
- ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ، ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން.
- ބައިނަލްއަޤްވާމީ ޔުނިވަރސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުން.
- ބައިނަލްއަޤްވާމީ ފެންވަރުގެ ރިސާރޗް މަސައްކަތްތައް، ބޭރުގެ ޔުނިވަރސިޓީތަކާއި ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އެ ކޮލެޖުގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން މަދުވެގެން %10 އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.
- މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ޔުނިވަރސިޓީއެއް ހިންގުމަށް ބޭނުންވާ ވަސީލަތްތައް އެ ކޮލެޖުގައި ޤާއިމުކުރެވިފައިވުން.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.