ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް، ޑީބީއެމްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސިއީއޯގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ތާރީހާ ހަމައަށް މުސާރަ ދީފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ނޮއެލްއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ މަހު ވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސިއީއޯގެ މަގާމަށް ނޮއެލް އައްޔަންކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.
ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންފައިވާކަމަށް ބޭންކުން ނެރުއްވި ބަޔާނުގައިވެއެވެ.
ޑީބީއެމުން ބުނީ، ނޮއެލް އިސްތިޢުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގައި އޭނާއަށް މުސާރަ ދީފައިނުވާކަމަށް ބުނެ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާކަމަށާއި ނަމަވެސް އިސްތިއުފާ ހުށަހެޅުއްވި ތާރީހާ ހަމައަށް އޭނާއަށް މުސާރަ ދީފައިވާ ކަމަށެވެ.
ޑީބީއެމުން ބުނީ ޓްރައިބިއުލްގައި އޮތް މައްސަލަ ފައިލްކުރަން ގާނޫނީ އިމުގެ ތެރެއިން ކުރަން ހުރި މަސައްކަތްތައް އެ ބޭންކުގެ ލީގަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.