ފަސްޓް ލޭޑީ މެޑަމް ސާޖިދާ - - ފޮޓޯ: ރައީސް އޮފީސް

ގައުމު ތަރައްގީވާނީ ރައްޔިތުންގެ ވިސްނުމާއި ހުނަރު ތަރައްގީވެގެން: ފަސްޓް ލޭޑީ

އާއިޝަތު އަނާ ރަޝީދު
 
12 ދުވަސް ކުރިން

ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު އިތުރުވެ، އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މަތިވެރިވުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ ވަނީ، މަސައްކަތްތެރިކަމާއި ހުނަރު ދަސްކުރުމަށް މިހާރު ހުޅުވިފައިވާ ފުޅާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ދިވެހި ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ގޮވާލެއްވުން އެކަމަނާ ކުރެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު ދިވެހި ޒުވާނުން ބިނާކުރުމަށް ބާރުއަޅައި، މި ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، ޕޮލިޓެކްނިކުން އިންތިޒާމުކޮށްގެން ތިން ދުވަހަށް ކުރިއަށްގެންދާ "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިންސާނާ އުފައްދަވާފައިވަނީ ތަފާތު ހުނަރުތަކަކާއެކުގައެވެ. އެހެންކަމުން، ފަހުން ކުރަންޖެހޭ ކަމަކީ އެ ހުނަރުތައް ތަރައްޤީކޮށް، އެ ހުނަރުގެ ފެންވަރު މަތިކުރުމެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވޭ މަސައްކަތްތަކާއި ތަރައްޤީކުރެވޭ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ޤަދަރުވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި މި ފުރުޞަތުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އުފެދިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާ އެއްވަރަށް ކުރިއަށްދިޔަ ބައެއްކަން އެކަމަނާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. މިއަދު ތަފާތު ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން ހޯދުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި، މޯލްޑިވްސް ޕޮލިޓެކްނިކުން ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، މި ދާއިރާއަށް ޚިދުމަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުރީފުކުރައްވާފައެވެ.

މިއަދު ހެނދުނު މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވުނު ރަސްމިއްޔާތުގައި، "ސްކިލްފެސްޓް" އޯޕަންޑޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި، ޕޮލިޓެކްނިކަށް 50 އަހަރު ފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް އެކަމަނާއެވެ. އޭގެ ފަހުން، އެކަމަނާ ވަނީ "ސްކިލްފެސްޓް" އޯޕަންޑޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ލިބެންހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

"ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިންގެ އިތުރުން ބޭރުގެ ޢިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.