އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މެލޭޝިއާއަށް ވަޑައިގެންފި

މުހައްމަދު ހަމީޒް
 
16 ދުވަސް ކުރިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (އާސަން) ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މެލޭޝިއާގެ ކުއަލަލަމްޕޫރަށް ވަޑައިގެންފިއެވެ. 

ރައީސް ޓްރަމްޕްގެ މި ދަތުރުފުޅަކީ އޭނާގެ ޕްރޮޓެކްޝަނިސްޓް އެޖެންޑާ އާއި އެހެނިހެން ބައިނަލްއަޤްވާމީ ސިޔާސަތުތައް ސަރަޙައްދަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މިއަހަރުގެ ސަމިޓްގައި އާސަންގެ 11 ގައުމުގެ އިތުރުން ޖަޕާން، ދެކުނު ކޮރެއާ، ކެނެޑާ، ބްރެޒިލް، ދެކުނު އެފްރިކާ އަދި އޮސްޓްރޭލިއާ ފަދަ ބޮޑެތި ބާރުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ޓްރަމްޕްގެ މި ދަތުރުފުޅުގެ މައިގަނޑު އެއް މަޤްސަދަކީ އާސަން ސަރަހައްދުގެ ޤައުމުތަކާއެކު އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. ނަމަވެސް، އޭނާގެ 'އެމެރިކާ ފަސްޓް' ސިޔާސަތުގެ ދަށުން އިއުލާންކުރައްވާފައިވާ ޓެރިފްތަކުގެ ބިރު ގިނަ އޭޝިއާގެ ގައުމުތަކަށް ވަނީ ކުރިމަތިވެފައެވެ. ސިޔާސީ މާހިރުން ދެކޭ ގޮތުގައި މި ދަނޑިވަޅަކީ އެމެރިކާއާއި އާސަން ގައުމުތަކާ ދެމެދު އިޤްތިޞާދީ ގޮތުން މަޝްވަރާކުރުމަށް މުހިންމު ދަނޑިވަޅެކެވެ.

އާސަން ސަމިޓުގެ އެންމެ މުހިންމު އެއް ކަމަކަށް ވާނީ ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެެވެ. މި ރަސްމިއްޔާތު އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ޓްރަމްޕް ވަނީ މި އެއްބަސްވުމުގައި ސޮއިކުރާ މަންޒަރު ބައްލަވާލެއްވުމަށް ހަމަޖައްސަވާފައެވެ. ކުއަލަލަމްޕޫރަށް ވަޑައިގަންނަވަމުން، ޓްރޫތް ސޯޝަލްގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވަނީ މި ދެ ގައުމުގެ ދެމެދު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ކްރެޑިޓް އަމިއްލަފުޅަށް ނަންގަވާފައެވެ.

މިދިޔަ ޖުލައި މަހު، ތައިލެންޑް-ކެމްބޯޑިއާ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނގާންތަކުގައި ދިގު އަހަރު ތަކަކަށްފަހު އެންމެ ގިނަ އަނިޔާ ލިބުނުއިރު، އެތައް ބަޔަކު މަރުވެ، ލައްކައެއްހާ މީހުން ގެވަޅު ދޫކޮށް ދާންޖެހުނެވެ. ނަމަވެސް ތަޙުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ޓެރިފްތަކުގެ ބިރު ތައިލެންޑް އާއި ކެމްބޯޑިއާއަށް ކުރިމަތިވި ނަމަވެސް، މި މައްސަލަ ހައްލުކުރުމުގައި މެލޭޝިއާ އަދި އާސަންގެ ދައުރު ވަރަށް ބޮޑެވެ. މި އެއްބަސްވުމަށް 'ކުއަލަލަމްޕޫރު އެކޯޑްސް'ގެ ނަމުން ނަންދީފައިވާއިރު، އޭގެ ދަށުން ދެގައުމުން ވެސް ބޯޑަރުން ލެންޑްމައިންތަކާއި ބަރުހަނގުރާމަ ގޮށްތައް ނެގުމަށް ވަނީ އެއްބަސްވެފައެވެ.