އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން މިއަދު އެލާސްކާގެ އެންކަރޭޖްގައި ބައްދަލުކުރައްވައިފިއެވެ. މިއީ މި ދެ ލީޑަރުން އެމެރިކާގެ ބިމެއްގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ޔުކްރެއިންގެ ހަނގުރާމައިގެ މައްސަލައާއި، އެ ހަނގުރާމަ ނިންމުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާއި، ސަލާމަތީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ނަމަވެސް، މީޑިއާ ރިޕޯޓުތަކުން ފާހަގަކުރާ ގޮތުގައި ތިން ގަޑިއިރު ދިގުމިނުގެ މި ބައްދަލުވުމުގައި ވަކި ނިންމުމަކާ ހަމައަކަށް ނާދެވުނެވެ.

މި ސަމިޓު ބޭއްވުނީ ޔުކްރެއިންގެ މައްޗަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރަޝިޔާއަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ރަޝިޔާއިން ހަމަލާތައް ހުއްޓާލާފައި ނުވާތީ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.
މި މަޝްވަރާތަކުގައި ޔޫކްރެއިންގެ ރައީސް ވޮލިޑްމިރް ޒިލެންސްކީ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް ކުރިއަށް އޮތް ބައްދަލުވުމެއްގައި ޒިލެންސްކީއަށް ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ބެލެވެއެވެ. އަދި ދެން އޮންނަ ބައްދަލުވުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވުމަށް ޕުޓިން ވަނީ ހުށަހަޅުއްވާފައެވެ.