ރަޝިއާގެ ރައީސް ޕޫޓިން -- ފޮޓޯ: ގޫގުލް

ޔޫކްރޭނު ހަނގުރާމަ ނިންމުމަށް އެމެރިކާއާއި އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޕުޓިން

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

ޔޫކްރޭން ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން މިއަދު ހާމަކުރައްވައިފިއެވެ. ނަމަވެސް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާއެކު ސުލްހައިގެ މަޝްވަރާތަކަށް އެއްބަސްވާނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

ޗައިނާގެ ޓިއަންޖިންގައި ބޭއްވުނު ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ޕުޓިން ވިދާޅުވީ ހަނގުރާމައިގެ ޒިންމާ ނަގަންޖެހޭނީ ހުޅަނގުގެ ގައުމުތަކުން ކަމަށެވެ. އަދި ޔޫކްރޭނަށް އަރައިގަތުމަށް ނިންމެވި ނިންމެވުން ދިފާއުކުރައްވާފައިވެއެވެ.

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވެފައިވަނީ އަލަސްކާގެ ބައްދަލުވުމަށްފަހު، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ޔޫކްރޭނަށް ސަލާމަތީ ޔަގީންކަން ދިނުމަށް ޕުޓިން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަން ރަޝިޔާއިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސަމިޓުގައި ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ލީޑަރުންނަށް، ޔޫކްރޭންގެ މައްސަލަ ހައްލުކުރުމަށް މަގުފަހިކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ހަނގުރާމައިގެ އެންމެ ފަހުގެ ހަމަލާގައި، މިދިޔަ ބުރާސްފަތި ދުވަހު މޮސްކޯއިން ކިއެވްއަށް 629 ޑްރޯނާއި މިސައިލް ފޮނުވާލައި، 23 މީހުންގެ ފުރާނަ ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. މިއީ މި ހަނގުރާމައިގައި އެއްފަހަރާ ދެވުނު އެންމެ ބޮޑު އެއް ވައިގެ ހަމަލާއެވެ.